ހަވާދުލީ ބަތް
ބާސްމަތީ ހަނޑޫ ހިކި މަޝްރޫމް، ބޭބީ ކޯން، ފެހި އޮށް އަދި ސޯޔާސޯސްއާއި އެކު ހަދާ ހަވާދުލީ ބަތެއްގެ ރެސިޕީއެވެ.
ހަވާދުލީ ބަތަކީ ބާސްމަތީ ހަނޑޫއާއި މަޝްރޫމް، ބޭބީ ކޯން، ފެހި އޮށް، ލީކްސް އަދި ސޯޔާސޯސް އެކުލައިގެން ހަދާ، ކުލަކުލައިގެ މީރު ބަތެކެވެ.
ބޭނުންވާ ތަކެތި
2 ޖޯޑު ބާސްމަތީ ހަނޑޫ
4 ހިކި މަޝްރޫމް (ބޭނުންނަމަ)
1 މޭޒުމަތީ ސަމުސާ ތެޔޮ
1 ސައިސަމުސާ އޮލިވް އޮއިލް
1 ލޮނުމެދު (ޗިސްކޮށްފައި)
1/2 ސައިސަމުސާ ރޯ އިނގުރު (ޗިސްކޮށްފައި)
1 ލީކްސް (ކޮށާފައި)
1 ކުޑަ ރަތް ބޮޑު މިރުސް (ކުދިކޮށް ކޮށާފައި)
1 ދަޅު ބޭބީ ޒުވާރި (ބޭބީ ކޯން)
1/4 ކިއުކަމްބަރ (ކޮށާފައި)
100 ގްރާމް ފެހި އޮށް
1 ސައިސަމުސާ ސޯޔާސޯސް ނުވަތަ އޮއިސްޓަރ ސޯސް
ތައްޔާރުކުރާ ގޮތް
ކެކިކެކި ހުރި ފެނަށް މަޝްރޫމްކޮޅު އަޅާ، މަތިޖަހާފައި 20 މިނެޓް ވަންދެން ބަހައްޓާށެވެ.
އެއަށްފަހު ފެން ފޮދު އުކާލާފައި، ތަނޑުތައް ބުރިކޮށް މަޝްރޫމް ކޮށާލާށެވެ.
ހަނޑޫކޮޅު 12 މިނެޓް ކައްކާފައި ފެން އޮއްސާލާށެވެ.
ފެހި އޮށްކޮޅުވެސް ކެކިކެކި ހުރި ފެނަށް އަޅާފައި، 3 މިނެޓް ފަހުން ބާލާ ފެން ފޮދު އުކާލާށެވެ.
2 ވައްތަރުގެ ތެޔޮ އެއްކޮށް ތަވައެއްގައި ހޫނުކުރާށެވެ.
ދެން އިނގުރާއި ލޮނުމެދު، ލީކްސް އަދި ބޮޑު މިރުސްކޮޅު އަޅާ އެއްކޮށްލާށެވެ.
1 މިނެޓަށް މޯޅިކޮށްލުމަށްފަހު މަޝްރޫމް، ކިއުކަމްބަރ، ފެހި އޮށް އަދި ބޭބީ ކޯން ތަވައަށް އަޅާށެވެ.
2 މިނެޓަށްފަހު ސޯޔާސޯސްކޮޅު އަޅާފައި، ދެން ބަތްވެސް އަޅާ އެއްކޮށްލާށެވެ.