ނާސި ގޯރެންގ
ބާސްމަތީ ބަތް، ކުކުޅު، ސޮސެޖް، ގެރިމަސް އަދި ޕްރޯންސްއިން ހަދާ ނާސި ގޯރެންގެވެ.
ކުކުޅު، ސޮސެޖް، ގެރިމަސް އަދި ޕްރޯންސް އެކުލެވޭ، ސޯޔާ ސޯހާއި އޮއިސްޓަރ ސޯހުން ރަހަ ދީފައިވާ މި ނާސި ގޯރެންގަކީ ބަނޑު ފުރޭނެ މީރު ކެއުމެކެވެ.
ބޭނުންވާ ތަކެތި
4 ޖޯޑު ބަތް (ބާސްމަތީ ހަނޑުލުގެ)
2 ފިޔާ (ވަރަށް ހިމުންކޮށް ކޮށާފައި)
4 ހިކިމިރުސް (ބުރިބުރިކޮށްފައި)
1/3 ޖޯޑު ހިމުންކޮށް ކޮށާފައި ހުރި ކުކުޅު މަސް
1/3 ޖޯޑު ކުދިކޮށް ކޮށާފައި ހުރި ސޮސެޖް
1/3 ޖޯޑު ހިމުންކޮށް ކޮށާ ފެނުކައްކާފައި ހުރި ގެރިމަސް
1 ސައިސަމުސާ ހިމުންކޮށް ކޮށާފައި ހުރި ގިތެޔޮ މިރުސް
1/2 ޖޯޑު ޕްރޯންސް (ފެނުކައްކާފައި ހުރި)
1 1/2 ސައިސަމުސާ ލޮނުމެދު އަދި އިނގުރު (ޗިސްކޮށްފައި ހުރި)
1/2 ސައިސަމުސާ އަޖިނަމޮޓޯ
1/2 ސައިސަމުސާ މުގުރި އަސޭމިރުސް
1/2 ޖޯޑު ކެބެޖު (ކޮށާފައި ހުރި)
1/2 ޖޯޑު ލީކްސް (ކޮށާފައި ހުރި)
1/2 ޖޯޑު ކެރެޓް (ގާނާފައި ހުރި)
2 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް
2 މޭޒުމަތީ ސަމުސާ އޮއިސްޓަރ ސޯސް
ކުޑަ ލޮނުކޮޅެއް
ކުޑަ ތެޔޮފޮދެއް
ތައްޔާރުކުރާ ގޮތް
އުނދުން މައްޗަށް ތަވާ އުދާލާށެވެ. ތަވާ ހޫނުވީމާ ތެޔޮފޮދު އަޅާލާށެވެ.
ތެޔޮ ހޫނުވުމުން ފިޔާ، މިރުސް، ރޯމިރުސް، ކެބެޖު، ކެރެޓް އަދި ލީކްސް އަޅާލާށެވެ.
ކުޑަކޮށް މޯޅިވީމާ ބާކީ ތަކެތި ފަހަރަކު ބާވަތެއް އަޅާށެވެ.
ރޯފިލަންދެން މަޑުގިނީގައި ދޭފަތުން ހަލަމުން ގެންދާށެވެ.
ރޯފިލުމުން ސޯޔާ ސޯހާއި އޮއިސްޓަރ ސޯސް އަޅާށެވެ.
ރަހަ ހިފުމުން އުނދުން މަތިން ބާލާފައި ތަށްޓަކަށް އަޅާށެވެ.
ބިސްގަނޑެއް މައްޗަށް އަޅާފައި ސާރވް ކުރާށެވެ.