ދިރިފިޔާ ބަތް
ބާސްމަތީ ހަނޑޫ ރާނބާފަތާއެކު ކައްކައި، ބޯކިރާއި ދިރިއާއި ފިޔާ އަޅައިގެން ހަދާ ދިރިފިޔާ ބަތެކެވެ.
ދިރިފިޔާ ބަތަކީ ރާނބާފަތުގެ ވަސް ލިބޭ ބާސްމަތީ ބަތުގެ ތެރެއަށް، ދިރިއާއި ފިޔާގެ ރަހަ ވަދެފައިވާ ބޯކިރު އަޅައިގެން ހަދާ ބަތެކެވެ. މި ރެސިޕީން ބޮޑު ތަށްޓެއް ބަތް ހެދޭތީ، އާއިލާއާއެކު ކެއުމަށް ވަރަށް ރަނގަޅެވެ.
ބޭނުންވާ ތަކެތި
12 ޖޯޑު ބާސްމަތީ ހަނޑޫ
ރާނބާފަތް
ލޮނު
4 ސައިސަމުސާ ދިރި (ދޮވެ ހިއްކާފައި)
4 ޖޯޑު ބޯކިރު
4 ފިޔާ
ތައްޔާރުކުރާ ގޮތް
ހަނޑޫ ރީއްޗަށް ދޮވާށެވެ. ދެން 20 ޖޯޑު ފެނާއި ލޮނާއި ރާނބާފަތް ލައިގެން ކައްކާށެވެ.
ދެބައި ހަމައަށް ކެއްކުނީމާ 4 ޖޯޑު ބޯކިރުގެ ތެރެއަށް ދިރިއާއި ކޮށާފައިވާ ފިޔާ އަޅާށެވެ.
އެ ކިރު ބަތުގެ ތެރެއަށް އޮއްސާލައި ކުޑަކޮށް ހަލާލާށެވެ.
ބަތްތަވާ ހިނދެން ފެށީމާ އަނެއްކާވެސް އެއް ފަހަރު ހަލާލާފައި މަތި ޖަހާށެވެ.
ކިރު ރަނގަޅަށް ހިނދުނީމާ އުނދުން ނިއްވާލާށެވެ. މަތި ޖަހައިގެން ބަހައްޓާށެވެ.
ނޯޓް
އެންމެ ރަނގަޅު ގޮތަކީ ދިރިއާއި ފިޔާ ބޯކިރުގެ ތެރޭގައި ރަހަ ނިކުންނަންދެން ބަހައްޓާފައި ބޭނުންކުރުމެވެ. ގާތްގަނޑަކަށް 3 ގަޑިއިރު ބަހައްޓައިފިނަމަ ރަނގަޅެވެ.