ޗިލީ ފިޝް
މިއީ ބިހާއި ކޯންފްލަރުގައި ހާކާ ތެލުލި މަހުން ހަދާ ޗިލީ ފިޝްގެ ރެސިޕީއެކެވެ.
ބިހާއި ކޯންފްލަރުގައި ހާކާ ތެލުލި ރޯމަސް، ކެޕްސިކަމާއި ފިޔާއާއި ތޫނު ޓޮމާޓޯ ސޯހާއެކު ތައްޔާރުކުރާ މި ޗިލީ ފިޝްއަކީ ކާނާ މޭޒަށް ރީތި ކުލައެއް ގެނެސްދޭ ކެއުމެކެވެ.
ބޭނުންވާ ތަކެތި
2 ގަނޑު ރޯމަސް (1 އިންޗިއަށް ކޮށާފައި)
4 ކެޕްސިކަމް (ކަރުނަގާ ކޮށާފައި)
3 ފިޔާ (ބޮޑެތިކޮށް ކޮށާފައި)
1 ސައިސަމުސާ ލޮނުމެދު (ޗިސްކޮށްފައި ހުރި)
1 ސައިސަމުސާ އިނގުރު (ޗިސްކޮށްފައި ހުރި)
4 ހިކިމިރުސް (ބުރިބުރިކޮށް ކޮށާފައި)
1 ސައިސަމުސާ އަޖިނަމޮޓޯ
1 ފަޅި ރަތް ކުލައިގެ ބެލް ޕެޕަރ (ބޮޑެތިކޮށް ކޮށާފައި)
1 މޭޒުމަތީ ސަމުސާ ކޯން ފްލަރ
2 ބިސް
1 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް
3 ފެހި ތޮޅިމިރުސް (ފަޅިފަޅިކޮށްފައި ހުރި)
1/2 ސައިސަމުސާ މުގުރި އަސޭމިރުސް
1/2 ސައިސަމުސާ ޗިލީ ސޯސް
1/2 ޖޯޑު ޓޮމާޓޯ ސޯސް
ލޮނުކޮޅެއް
ތައްޔާރުކުރާ ގޮތް
ބިސް ގިރާފައި ކޯން ފްލަރ، ސޯޔާ ސޯސް، ލޮނު އަދި އަސޭމިރުސް އެއްކޮށްލާށެވެ.
އެ އެއްޗެއް މަހުގައި ހާކާފައި ބަހައްޓާށެވެ.
ދެން ތެއްޔަކަށް ތެޔޮ އަޅާލާފައި އުނދުން މައްޗަށް އުދާލާށެވެ.
ތެޔޮ ކެކިގަތުމުން މަސް އަޅާފައި، އެތެރެ މަޑުވެ ބޭރަށް މަޑު މުށި ކުލައެއް އަރާވަރަށް ތެލުލާފައި ބަހައްޓާށެވެ.
އެހެން ތަވައެއް އުނދުން މައްޗަށް އުދާލުމަށްފަހު ކުޑަ ތެޔޮފޮދެއް އަޅާލާށެވެ.
ތެޔޮފޮދު ހޫނުވީމާ ފިޔާ، ކެޕްސިކަމް، މިރުސް އަދި ހިކިމިރުސް އަޅާށެވެ.
މޯޅިވީމާ މަސް ފިޔަވައި ބާކީ ތަކެތި އެއްކޮށްފައި ރޯފިލާށެވެ.
ރޯފިލުމުން މަސްވެސް އަޅާށެވެ.
ރަހަ ހިފީމާ އުނދުން މަތިން ބާލާށެވެ.