Tuesday, 24 November 2026 · 14 Jumada II 1448 AH

ހެނދުނުގެ ޚުލާސާ

The Maldives, every morning at 7

The stories that matter in politics, business, tourism and the atolls, written by our own newsroom. Free, one email a day, unsubscribe any time.

ދިވެހިރާއްޖެ

މުޢިއްޒު: ކުދި ޖަޒީރާ ޤައުމުތަކަށް ބޭނުންވަނީ އަގުބޮޑު ލޯނުގެ ބަދަލުގައި މޫސުމީ ހިލޭ އެހީ

ކުދި ޖަޒީރާ ޤައުމުތައް އަގުބޮޑު ދަރަނީގެ ތެރެއަށް ވައްޓައިނުލައި، އެކަށީގެންވާ ލުއިގޮތެއްގައި މޫސުމީ މާލީ އެހީތެރިކަން ލިބޭނެ ގޮތް ހެދުމަށްޓަކައި، ބައިނަލްއަޤްވާމީ މާލީ ނިޒާމު އިސްލާޙުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

އދ. ގެ ދިދަތަކުގެ ކުރިމަތީގައި، ކުދި ޖަޒީރާ ޤައުމުތަކުގެ ވެރިން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސްއާ ކުރިމަތިލައްވައިގެން ދިގު ކޮންފަރެންސް މޭޒެއްގެ އެއްފަރާތުގައި އިށީނދެވަޑައިގެން.
President Dr Mohamed Muizzu (fourth from left) at the AOSIS Leaders Meeting with UN Secretary-General António Guterres on the sidelines of COP31. Photo: The President's Office

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، ކުދި ޖަޒީރާ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ (ސިޑްސް) ނާޒުކު ހާލަތަކީ އެކަށީގެންވާ ލުއި މޫސުމީ ފައިނޭންސް ހޯދުމަށް އޮތް ހުރަހަކަށް ވެގެން ނުވާނެ ކަމަށާއި، ބައިނަލްއަޤްވާމީ މާލީ އޮނިގަނޑު އިސްލާޙުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވާފައިވާ ކަމަށެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ތުރުކިޔޭގެ އަންތާލިޔާގައި ކުރިއަށްދާ ކޮޕް31 ގެ ހަވާސާގައި ބޭއްވުނު، ކުދި ޖަޒީރާ ޤައުމުތަކުގެ އިއްތިހާދު (އޭއޯސިސް) ގެ ލީޑަރުން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސްއާ އެކު ބޭއްވެވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އަމާޒަކީ 2040 ވަނަ އަހަރުގެ ނިޔަލަށް ތަރައްޤީވެފައިވާ ޤައުމަކަށް ވުން ކަމަށާއި، އެ އަމާޒަށް ވާސިލުވުމަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ މޫސުމަށް އަންނަ ބަދަލުތައް ކަމަށެވެ. އަދި މިހާރު ވިސްނުން ބަދަލުކުރަންވީ ޢަމަލީ މަސައްކަތްތަކަށް ކަމަށާއި، އޭގެ މައިގަނޑު އަސާސަކަށް ވާންވާނީ މޫސުމީ ފައިނޭންސް ހޯދުމާއި، މާލީ އިސްލާޙުތައް ގެނައުމާއި، ކަންކަން ތަންފީޒުކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަގުބޮޑު ލޯނުގެ ބަދަލުގައި ހިލޭ އެހީ

ރައީސް ވިދާޅުވީ މޫސުމީ ފައިނޭންސަކީ އެކަށޭނަ، ފަސޭހައިން ލިބެން ހުންނަ، ދުރާލާ ލަފާކުރެވޭ އަދި ހިލޭ އެހީގެ މައްޗަށް ބިނާވެފައިވާ އެއްޗަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ޚާއްޞަކޮށް 'ސުޕަރ އެލް ނީނޯ' އެއް އަންނާނެ ކަމަށް ލަފާކުރެވޭތީ، މޫސުމަށް ހޭނުމަށް ބޭނުންވާ ފައިނޭންސް އިތުރުކުރުމަށާއި، ގެއްލުމާއި ހަލާކުގެ ފަންޑު (ލޮސް އެންޑް ޑެމޭޖް ފަންޑު) އަށް އަވަހަށް ފައިސާ ޖަމާކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ޤައުމުތަކުން އުފެއްދުމުގައި އެއްވެސް ޒިންމާއެއް ނެތް ނުވަތަ ވަރަށް ކުޑަ ޒިންމާއެއް އޮތް މިފަދަ ކާރިސާއަކާ ކުރިމަތިލުމަށްޓަކައި، ބޮޑެތި އިންޓްރެސްޓް ރޭޓްތަކުގައި ލޯނު ނަގަން ޤައުމުތަކަށް މަޖުބޫރުވެގެން ނުވާނެ ކަމަށެވެ. މޫސުމީ ފިޔަވަޅުތައް އަޅަންވާނީ ތަރައްޤީއަށް ހުރަސްއެޅޭ ގޮތަށް ނޫން ކަމަށާއި، ނާޒުކު ޤައުމުތައް އަދާނުކުރެވޭ ވަރުގެ ބޮޑެތި ދަރަނިތަކުގެ ތެރެއަށް ދޫކޮށްލައިގެން ނޫން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މާލީ ނިޒާމު އިސްލާޙުކުރުން

ރައީސް ވިދާޅުވީ މިހާރު ހަމަޖެހިފައިވާ ފައިނޭންސް އުސޫލުތަކުގެ ސަބަބުން، ނާޒުކު ޤައުމުތަކަށް މަޖުބޫރުވަނީ އަގުބޮޑު ލޯނުތައް ނެގުމަށް ކަމަށާއި، މީގެ ސަބަބުން އެ ޤައުމުތަކުގެ ދަރަނި އިތުރުވެ، މާލީ ޖާގަ ހަނިވެގެންދާ ކަމަށެވެ. އަދި މޫސުމީ ވިލުންވެރިކަމަށް އިންވެސްޓްކުރުމުން ދިގު މުއްދަތުގައި ލިބޭނެ އިޤްތިޞާދީ ފައިދާ ބަލައިގަތުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކަށާއި ކްރެޑިޓް ރޭޓިންގ އެޖެންސީތަކަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

ވަޢުދުތަކުގެ ބަދަލުގައި ނަތީޖާ

އެމަނިކުފާނު ވިދާޅުވީ މޫސުމަށް ވެފައިވާ ވަޢުދުތައް ޙަޤީޤީ ނަތީޖާއަކަށް ބަދަލުވާންޖެހޭ ކަމަށެވެ. މުޅި ދުނިޔެއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމާއި، ކުނި މެނޭޖްކުރުމާއި، ދައުރުވާ އިޤްތިޞާދެއް (ސާކިއުލަރ އިކޮނޮމީ) ބިނާކުރުމާއި، މޫސުމަށް ވިލުންވެރި ސިޓީތައް ބިނާކުރުމަށް ކޮޕް31 އިން ފަށާފައިވާ މަސައްކަތްތަކަށް އެމަނިކުފާނު މަރުޙަބާ ވިދާޅުވިއެވެ. އެހެންނަމަވެސް، އެކަންކަން ތަންފީޒުކުރުމަށްޓަކައި ފުރިހަމަ ފައިނޭންސިންގއާއި، ޓެކްނޮލޮޖީ ބަދަލުކުރުމާއި، ޢަމަލީ އެހީތެރިކަން ބޭނުންވާކަމަށް ވިދާޅުވިއެވެ.

ކުދި ޖަޒީރާ ޤައުމުތަކުން އެދެނީ ސަދަޤާތަކަށް ނުވަތަ ހަމްދަރުދީއަކަށް ނޫން ކަމަށާއި، އެ ޤައުމުތަކުން އެދެނީ މޫސުމީ ޢަދުލުވެރިކަމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބައިނަލްއަޤްވާމީ ގުޅުންތަކުގެ ހަޤީޤީ އިމްތިޙާނަކީ ވެވޭ ވަޢުދުތަކެއް ނޫން ކަމަށާއި، ނެރެދެވޭ ނަތީޖާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ ދައުރު ނިމުމަކާ ގާތްވެފައިވާއިރު، އެމަނިކުފާނުގެ މުޅި ދައުރުގައި ކުދި ޖަޒީރާ ޤައުމުތަކަށް ވެދެއްވި އެއްބާރުލުމަށްޓަކައި ގުޓަރެސްއަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ.

#Muizzu#COP31#climate finance#AOSIS#SIDS#António Guterres