Tuesday, 24 November 2026 · 14 Jumada II 1448 AH

ހެނދުނުގެ ޚުލާސާ

The Maldives, every morning at 7

The stories that matter in politics, business, tourism and the atolls, written by our own newsroom. Free, one email a day, unsubscribe any time.

އިޤްތިޞާދު

ފައިސާ މާރުކުރާ ތަންތަން އެމްއެމްއޭ އިން ޖޫރިމަނާކޮށްފި

ފައިސާ ބަދަލުކުރުމުގެ ވިޔަފާރިއާ ބެހޭ ގަވާއިދާ ޚިލާފުވުމުގެ ސަބަބުން އެލްވީއާރް އިންވެސްޓްމަންޓް، މައިޒޯން އެކްސްޗޭންޖް އަދި މެޑް މަނީ އެކްސްޗޭންޖް، 500,000 ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް، އެ ކުންފުނިތަކުގެ ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ސަސްޕެންޑްކޮށްފިއެވެ.

A tall grey glass office building behind fishing boats moored in Malé harbour under a blue sky.
The Maldives Monetary Authority building beside the Malé harbour. Photo: DD / Wikimedia Commons, CC BY-SA 2.0

މަނީ ޗޭންޖިންގ ވިޔަފާރިކުރުމާ ބެހޭ ގަވާއިދާ ޚިލާފުވެގެން ތިން މަނީ ޗޭންޖަރަކު ޖޫރިމަނާކޮށް، އެ ފަރާތްތަކުގެ ލައިސަންސް ސަސްޕެންޑްކޮށްފައިވާ ކަމަށް މަރުކަޒީ ބޭންކުން 18 ނޮވެމްބަރު 2026 ގައި ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެއެވެ.

މި ތިން ކުންފުންޏަކީ އެލްވީއާރް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި، މައިޒޯން އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް އަދި މެޑް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑެވެ. އެމްއެމްއޭ އިން ބުނީ މި ފަރާތްތަކާ މެދު އިދާރީ ފިޔަވަޅު އަޅާފައިވަނީ 18 ނޮވެމްބަރުގައި ކަމަށެވެ.

ޖޫރިމަނާތަކާއި ސަސްޕެންޑްކުރި ލައިސަންސްތައް

އެމްއެމްއޭ އިން މައިޒޯން އެކްސްޗޭންޖް 500,000 ރުފިޔާއިން ޖޫރިމަނާކުރިއިރު، އެލްވީއާރް އިންވެސްޓްމަންޓާއި މެޑް މަނީ އެކްސްޗޭންޖް ޖޫރިމަނާކުރީ ކޮންމެ ކުންފުންޏެއް 250,000 ރުފިޔާއިންނެވެ.

މީގެ އިތުރުން 18 ނޮވެމްބަރުން ފެށިގެން މި ކުންފުނިތަކަށް ދޫކޮށްފައިވާ މަނީ ޗޭންޖަރ ލައިސަންސް ސަސްޕެންޑްކުރުމަށް ވެސް ވަނީ ނިންމާފައެވެ. އެމްއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި އެ ކުންފުނިތަކުގެ ލައިސަންސް ނަންބަރުތަކަކީ އެލްވީއާރް އިންވެސްޓްމަންޓްގެ 20250719T1MCL74، މައިޒޯން އެކްސްޗޭންޖްގެ 20250832T1MCL73 އަދި މެޑް މަނީ އެކްސްޗޭންޖްގެ 20250615T1MCL44 އެވެ. އެމްއެމްއޭގެ ލައިސަންސް ކޯޑުތަކުން ދައްކާ ގޮތުގައި މި ތިން ކުންފުންޏަކީ ވެސް ޓިއަރ 1 ގެ މަނީ ޗޭންޖަރުންނެވެ.

ނަމަވެސް، މި ކުންފުނިތަކުން ޚިލާފުވީ ކޮން ކަންތައްތަކަކާ ކަމެއް އަދި ސަސްޕެންޝަން ދެމިއޮންނާނީ ކިހާ ހިސާބަކަށް ކަމެއް އެ ނޫސްބަޔާނުގައި ބަޔާންކޮށްފައެއް ނުވެއެވެ.

ބާޒާރަށް ދިން އިންޒާރެއް

ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގުމުގައި ބައެއް ފަރާތްތަކުން ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުނުކުރާކަން ފާހަގަކުރެވިފައިވާ ކަމަށް އެމްއެމްއޭ އިން ބުންޏެވެ. އަދި ބޭރު ފައިސާގެ މުއާމަލާތްތައް ކުރުމުގައި ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އެ އޮތޯރިޓީން ވަނީ ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

ގާނޫނާއި ގަވާއިދާ ޚިލާފުވާ ފަރާތްތަކާ މެދު، ތަންފީޒީ އިދާރާތަކާ ގުޅިގެން މެދުކެނޑުމެއްނެތި ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

މި ފިޔަވަޅުތައް އަޅާފައި މިވަނީ، އެހެން މަނީ ޗޭންޖަރެއް ކަމަށްވާ އެމްއެސް ފައިނޭންސް ކަރަންސީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑާ މެދު ސުޕަވައިޒަރީ ފިޔަވަޅު އެޅިކަން 18 އޮކްޓޯބަރުގައި އެމްއެމްއޭ އިން އިއުލާނުކުރިތާ މަހެއްހާ ދުވަސް ފަހުންނެވެ.

ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން ސެޕްޓެމްބަރު މަހުގެ އާމްދަނީ މާރުކުރުމަށް އެމްއެމްއޭ އިން ހަނދާންކޮށްދީފައިވާ ކަމަށް މޯލްޑިވްސް ނައު އިން މީގެ ކުރިން ވަނީ ރިޕޯޓްކޮށްފައެވެ.

#Maldives Monetary Authority#MMA#money changers#Maldives currency#rufiyaa#MVR#foreign exchange#LVR Investment#Myzone Exchange#Mad Money Exchange