Sunday, 8 November 2026 · 28 Jumada I 1448 AH

ހެނދުނުގެ ޚުލާސާ

The Maldives, every morning at 7

The stories that matter in politics, business, tourism and the atolls, written by our own newsroom. Free, one email a day, unsubscribe any time.

އަތޮޅުތައް

ކައްދޫ އެކްސިޑެންޓް: މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފި

ލ. ކައްދޫ އެއާޕޯޓް ކައިރީގައި ކަފިހި ހުރަހެއްގައި ސައިކަލުން ޖެހި މުސްކުޅި އަންހެނަކު މަރުވި މައްސަލައިގައި، ސައިކަލު ދުއްވި މީހާއަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

A street on an inhabited island in the Maldives. File photo
ރާއްޖޭގެ ރަށެއްގެ މަގެއް. ފައިލް ފޮޓޯ ފޮޓޯ: ބުއިއޯބުއިއޯނޭ / ވިކިމީޑިއާ ކޮމަންސް

ލ. ކައްދޫގައި ސައިކަލަކުން ޖެހި މުސްކުޅި އަންހެނަކު މަރުވި މައްސަލައިގައި، ސައިކަލު ދުއްވި މީހާގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވައި، މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދެއްކުމަށް ލ. ގަމު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.

ކޯޓުން މި ހުކުމް އިއްވީ، ޝަރީޢަތުގައި ތުހުމަތު ކުރެވުނު ފަރާތުން ކުށަށް އިޢުތިރާފުވުމުން ދައުލަތާއެކު ވެވުނު އިޢުތިރާފު އެއްބަސްވުމެއްގެ ދަށުންނެވެ.

އޭނާގެ މައްޗަށް ދައުލަތުން ދައުވާ ކުރީ ފަރުވާކުޑަކަމުން މީހަކު މަރުވާ ފަދަ އަމަލެއް ކުރުމުގެ ކުށުގެ ދައުވާއެވެ. އޭނާއަކީ ލ. ފޮނަދޫގެ މީހެކެވެ.

ކަފިހި ހުރަހުގައި ހިނގި ހާދިސާ

މި ހާދިސާ ހިނގީ 2025 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ރޭ، ކައްދޫ އެއާޕޯޓް ކައިރީގައެވެ. އެ ވަގުތު ކަފިހި ހުރަހުން މަގު ހުރަސްކުރަމުން ދިޔަ ބަޔަކާ ސައިކަލު ޖެހުނީއެވެ.

ސައިކަލު ޖެހުނު ލ. މާވަށުގެ މުސްކުޅި އަންހެން މީހާ އޭރު މަގު ހުރަސްކުރަމުން ދިޔައީ އޭނާގެ މާމަދަރިފުޅާއެކުއެވެ. އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް އޭނާ އެ ރޭ ނިޔާވިއެވެ.

ހާދިސާއާ ގުޅިގެން ސައިކަލު ދުއްވި މީހާ ހައްޔަރުކޮށް، ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓިއެވެ. ފުލުހުން ތަޙުޤީޤު ނިންމައި، މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިއެވެ.

ހުކުމްގެ ތަފްސީލު

ބަންދުގައި ހޭދަކުރި ގާތްގަނޑަކަށް އެއް އަހަރާއި ދެ މަސް ދުވަސް އުނިކުރުމަށްފަހު، އޭނާ އިތުރަށް ތަންފީޒުކުރަން ޖެހެނީ ގާތްގަނޑަކަށް އެއް އަހަރާއި ނުވަ މަހުގެ ޖަލު ހުކުމެކެވެ. ކައްފާރާގެ ގޮތުގައި ޖެހިޖެހިގެން 60 ދުވަހު ރޯދަ ހިފުމަށް ވެސް ހުކުމުގައި އަންގާފައިވެއެވެ.

މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ 36 މަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހޭނެއެވެ. އެ ފައިސާ ލިބޭނީ މަރުވި މީހާގެ ވާރިސުން ކަމަށްވާ އޭނާގެ ފިރިމީހާއާއި ހަތަރު ފިރިހެން ދަރިންނާއި ހަތަރު އަންހެން ދަރިންނަށެވެ.

އެ ހާދިސާގައި ޖެހުނު އެހެން މީހަކަށް ލިބުނު އަނިޔާތަކާ ގުޅޭ ވަކި މައްސަލައެއްގައި ވެސް އޭނާ ކުށަށް އިޢުތިރާފުވެ، ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ.