ފަންނީ މާހިރުންގެ ލަފާދޭ ކޮމިޓީގެ އުސޫލު ފާސްކޮށްފި
ދާއިރާތަކުގެ ފަންނީ މާހިރުންގެ ޚާއްޞަ ލަފާދޭ ކޮމިޓީ އެކުލަވައިލުމުގެ އުސޫލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާސްކުރައްވައިފިއެވެ. މި ކޮމިޓީގެ މެންބަރުން ޚިދުމަތް ކުރައްވާނީ އެއްވެސް އުޖޫރައަކާ ނުލައި، ހިލޭސާބަހަށެވެ.
ދާއިރާތަކުގެ ފަންނީ މާހިރުންގެ ޚާއްޞަ ލަފާދޭ ކޮމިޓީ އެކުލަވައިލުމާ ބެހޭ އުސޫލަށް ޢަމަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 16 ނޮވެންބަރު 2026 ގައި ހާމަކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކުގައެވެ.
މި އުސޫލު އެކަށައަޅައި ނިންމާފައިވަނީ އާދީއްތަ ދުވަސް ކަމުގައިވާ ނޮވެންބަރު 15 ގައި ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ފަހުގައެވެ.
ކޮމިޓީގެ ބޭނުން
މި އުސޫލުގައި ބަޔާންކޮށްފައިވަނީ ކޮމިޓީ އެކުލަވައިލުމާއި އެ ކޮމިޓީ ހިންގުމުގައި ޢަމަލުކުރާނެ އިޖުރާއާތުތަކެވެ. މި ކޮމިޓީގެ މަޤްޞަދަކީ އެކި ދާއިރާތަކުގެ ފަންނީ ކަންކަމުގައި މަޝްވަރާކުރުމަށް މަގުފަހިކުރުމާއި، ކަމާބެހޭ މާހިރުންގެ ލަފާ ހޯދުމެވެ. އަދި ދާއިރާތަކާ ގުޅުންހުރި ސިޔާސަތުތައް އެކުލަވައިލުމަށާއި ތަންފީޒުކުރުމަށް އެހީތެރިވުމުގެ ގޮތުން، އެ ދާއިރާތަކުގެ ތަޖުރިބާކާރުންގެ ފަންނީ ޢިލްމާއި ޢަމަލީ ތަޖުރިބާގެ ބޭނުން ހިފުމެވެ.
ކޮންމެ ވުޒާރާއެއްގައި ކޮމިޓީތައް އުފެއްދުން
މި އުސޫލުގެ ދަށުން، ކަނޑައެޅޭ ފަންނީ ދާއިރާތަކަށް ޚާއްޞަކޮށްގެން ކޮންމެ ވުޒާރާއެއްގައި ވެސް ޚާއްޞަ ކޮމިޓީތަކެއް އެކުލަވައިލެވޭނެއެވެ. މި ކޮމިޓީތަކަށް ޢައްޔަންކުރެވޭނީ އެ ދާއިރާތަކާ ގުޅުންހުރި ފަންނީ ފެންވަރާއި ޕްރޮފެޝަނަލް ތަޖުރިބާ ހުރި ފަރާތްތަކެވެ.
މީގެއިތުރުން، މި ކޮމިޓީތަކުގެ މެންބަރުން ޚިދުމަތް ކުރައްވާނީ ޤައުމީ މަޞްލަޙަތުގައި، އެއްވެސް އުޖޫރައެއް ނެތި، ހިލޭސާބަހަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.
ދާއިރާތަކުގެ ފަންނީ މާހިރުންގެ ޚާއްޞަ ލަފާދޭ ކޮމިޓީ އެކުލަވައިލުމުގެ އުސޫލު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ޝާއިޢުކުރެވޭނެއެވެ.