ޚަރަދުގެ ރެކޯޑުތަކާ ގުޅިގެން ޢަދާލަތު ޕާޓީ 25,000 ރުފިޔާއިން ޖޫރިމަނާކޮށްފި
ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އެ ޕާޓީން ކުރި ޚަރަދުތަކުގެ ފުރިހަމަ ތަފުޞީލު ބަލަހައްޓާފައި ނުވާކަން 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް މާލީ ރެކޯޑުތައް ފުރިހަމައަށް ބަލަހައްޓާފައި ނުވާތީ، އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާދީއްތަ ދުވަހު އަދާލަތު ޕާޓީ 25,000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
އީސީގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، އޮކްޓޫބަރު މަހު ހުށަހެޅި އެ ޕާޓީގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން، ޕާޓީން ކޮށްފައިވާ ހުރިހާ ޚަރަދެއްގެ ފުރިހަމަ ތަފުޞީލު ބަލަހައްޓާފައި ނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި، ކޮންމެ ޕާޓީއަކުންވެސް އެ ޕާޓީއަކުން ކުރާ ހުރިހާ ޚަރަދެއްގެ ތަފުޞީލީ ރެކޯޑުތައް ބަލަހައްޓަން ޖެހެއެވެ.
މީގެއިތުރުން، އެކަށީގެންވާ ލިޔެކިޔުންތައް ފޯރުކޮށްދީފައި ނުވާތީ، 2024 ވަނަ އަހަރު އެ ޕާޓީގެ ބައެއް މުދަލުގެ އަގު ރެކޯޑުކޮށްފައިވާ ގޮތް ކަށަވަރު ނުކުރެވުނު ކަމަށްވެސް އޮޑިޓަރު ބަޔާންކޮށްފައިވެއެވެ.
މިއަހަރު ކުރި ދެވަނަ ޖޫރިމަނާ
މިއީ މިއަހަރު ތެރޭގައި އީސީން އަދާލަތު ޕާޓީ ޖޫރިމަނާކުރި ދެވަނަ ފަހަރެވެ. މާލީ ބަޔާން ހުށަހަޅާފައި ނުވާތީ، މިދިޔަ ޖުލައި މަހުވެސް އެ ޕާޓީ ވަނީ 50,000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އެ މަހު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ވެސް ޖޫރިމަނާކުރީ ހަމަ މި ސަބަބާ ހުރެއެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން، ކޮންމެ އަހަރެއްގެ ވެސް ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި، ވޭތުވެދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ބަޔާން ކޮންމެ ޕާޓީއަކުންވެސް އީސީއަށް ހުށަހަޅަން ޖެހެއެވެ.
އީސީގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައިވާ ގޮތުން އަދާލަތު ޕާޓީގައި ރަޖިސްޓްރީވެފައިވާ މެންބަރުންގެ ޢަދަދަކީ 6,086 އެވެ.