Sunday, 8 November 2026 · 28 Jumada I 1448 AH

ހެނދުނުގެ ޚުލާސާ

The Maldives, every morning at 7

The stories that matter in politics, business, tourism and the atolls, written by our own newsroom. Free, one email a day, unsubscribe any time.

ދިވެހިރާއްޖެ

ބޮޑު އާމްދަނީ ލިބޭ މީހުންގެ ކޯ-ޕޭމަންޓު ޖެނުއަރީއިން

މަހަކު 60,000 ރުފިޔާއަށްވުރެ ގިނަ އާމްދަނީ ލިބޭ މީހުން، 1 ޖެނުއަރީ 2027 އިން ފެށިގެން އަމިއްލަ ޞިއްޙީ މަރުކަޒުތަކުން އާސަންދައިން ޚިދުމަތް ހޯދާއިރު 15 އިންސައްތަ ކޯ-ޕޭމަންޓެއް ދައްކަން ޖެހޭނެއެވެ.

An intensive care ward at Hulhumalé Hospital, a government hospital, in November 2024. Treatment at government hospitals is not subject to the co-payment.
ސަރުކާރުގެ ހޮސްޕިޓަލެއް ކަމަށްވާ ހުޅުމާލެ ހޮސްޕިޓަލުގެ އައި.ސީ.ޔޫ ވޯޑެއް. ސަރުކާރުގެ ހޮސްޕިޓަލްތަކުން ހޯދާ ފަރުވާއަށް ކޯ-ޕޭމަންޓު ނުނަގާނެއެވެ. ފޮޓޯ: ދަ ޕްރެޒިޑެންޓްސް އޮފީސް، މޯލްޑިވްސް / ވިކިމީޑިއާ ކޮމަންސް (CC BY 4.0)

މަހަކު 60,000 ރުފިޔާއަށްވުރެ ގިނަ އާމްދަނީއެއް ލިބޭ މީހުން، އަމިއްލަ ޞިއްޙީ މަރުކަޒުތަކުން އާސަންދަ ބޭނުންކޮށްގެން ޚިދުމަތް ހޯދާއިރު 15 އިންސައްތައިގެ ކޯ-ޕޭމަންޓެއް ދައްކަން ޖެހޭނެ ކަމަށް ހެލްތު މިނިސްޓްރީން 31 އޮކްޓޯބަރުގައި ހާމަކޮށްފިއެވެ. މި އުޞޫލަށް ޢަމަލުކުރަން ފަށާނީ 1 ޖެނުއަރީ 2027 އިން ފެށިގެންނެވެ.

މިނިސްޓްރީން ބުނީ، ކޯ-ޕޭމަންޓު ނަގާނީ ހަމައެކަނި އާސަންދަ ސްކީމުގައި ރަޖިސްޓަރީވެފައިވާ އަމިއްލަ ކްލިނިކްތަކާއި ހޮސްޕިޓަލްތަކާއި ފާމަސީތަކުންނާއި، އޮޕްޓިކަލް އަދި ޕްރޮސްތެޓިކް ޚިދުމަތް ދޭ ތަންތަނުން ކަމަށެވެ. ސަރުކާރުގެ ޞިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުން ޚިދުމަތް ހޯދާ މީހުންގެ އަތުން މިފަދަ އެއްވެސް ފީއެއް ނުނަގާނެއެވެ.

މިނިސްޓްރީން ބުނި ގޮތުގައި، މި ނިންމެވުން ނިންމަވާފައިވަނީ އާސަންދަ ނިޒާމު ހަރުދަނާކޮށް އިސްރާފު ކުޑަކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އާސަންދަ ނިޒާމުގެ ތެރެއިން ކޯ-ޕޭމަންޓު ނެގުމާ ގުޅޭ އުޞޫލު ވަނީ ގެޒެޓުކޮށްފައެވެ.

އިސްތިސްނާވާ ފަރާތްތައް

ޤައުމަށް ބޭނުންތެރި ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމާއި ހިފެހެއްޓުމަށް ބާރުއަޅައި، އާމްދަނީ ބޮޑު ނަމަވެސް ބައެއް ފަރާތްތައް މި އުޞޫލުން އިސްތިސްނާކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެއީ:

  • ޑޮކްޓަރުންނާއި މެޑިކަލް ދާއިރާގެ ފަންނީ މުވައްޒަފުން

  • ޕައިލެޓުންނާއި އޭވިއޭޝަން ދާއިރާގެ ފަންނީ މުވައްޒަފުން

  • އިންޖިނިއަރުންނާއި ސައިންސް ބޭސްޑް ދާއިރާތަކުގެ ފަންނީ މުވައްޒަފުން

ސެޕްޓެމްބަރު މަހު ރިޔާސީ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، އާސަންދައިން އެންމެ މުއްސަނދި މީހުންނާއި އެންމެ ނިކަމެތި މީހުންނަށް އެއް ފެންވަރެއްގެ ފުރިހަމަ ކަވަރޭޖެއް ނުދޭންވާނެ ކަމަށެވެ. ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތެއްގެ ގޮތުން، މަހަކު 60,000 ރުފިޔާއަށްވުރެ ގިނަ އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ދެވޭނީ ކޯ-ޕޭ ނުވަތަ ޕްރީ-ޕޭ އިންތިޒާމެއްގެ ދަށުން ކަމަށް ރައީސް ވިދާޅުވިއެވެ.

މި ބަދަލާއެކު ދައުލަތުގެ ބަޖެޓުން އަހަރަކު ގާތްގަނޑަކަށް 287 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ރައީސް ނޫސްވެރިންނަށް ވިދާޅުވި ކަމަށް މިނިސްޓްރީން ބުންޏެވެ. ސަލާމަތްކުރެވޭ ފައިސާ، ރައްޔިތުންގެ އެހެނިހެން އަސާސީ ބޭނުންތަކަށާއި އިޖުތިމާޢީ ތަރައްޤީއަށް ހޭދަކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.