Sunday, 8 November 2026 · 28 Jumada I 1448 AH

ހެނދުނުގެ ޚުލާސާ

The Maldives, every morning at 7

The stories that matter in politics, business, tourism and the atolls, written by our own newsroom. Free, one email a day, unsubscribe any time.

ދިވެހިރާއްޖެ

އެމްޕީއެލްގެ ޑީސަލަށް ހިޔާނާތްތެރިވި 2 މީހަކު ޖަލަށް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޕްރޮކިއުމަންޓްގެ ޗީފް މެނޭޖަރާއި ތެޔޮ ބައުޒަރެއްގެ ޑްރައިވަރަކު، 783,100 ލީޓަރުގެ ޑީސަލަށް ހިޔާނާތްތެރިވި މައްސަލައިގައި 8 އަހަރާއި 9 މަހާއި 18 ދުވަހަށް ޖަލަށްލައިފިއެވެ.

Malé commercial harbour, operated by Maldives Ports Limited, seen from the air in December 2017.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ހިންގާ މާލޭ ކޮމާޝަލް ހާބަރު، 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވައިގެ މަތިން ފެންނަ ގޮތް. ފޮޓޯ: ޝާހީ އިލްޔާސް / ވިކިމީޑިއާ ކޮމަންސް

ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އަށް ލިބެންޖެހޭ ޑީސަލަށް ހިޔާނާތްތެރިވި މައްސަލައިގައި ދެ މީހަކު 8 އަހަރާއި 9 މަހާއި 18 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު، 29 އޮކްޓޫބަރުގައި ހުކުމްކޮށްފިއެވެ.

ކޯޓުން ކުށްވެރިކުރީ އެ ދުވަސްވަރު އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ޗީފް މެނޭޖަރުގެ މަގާމުގައި ހުރި ސ. ފޭދޫ، ވާރުގެ، މުހައްމަދު އައިމަނާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ތެޔޮ ބައުޒަރު ދުއްވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސޮޖިބްއެވެ. އެ ދެ މީހުންގެ މައްޗަށް ސާބިތުވީ ހިޔާނާތްތެރިވުމާއި، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި ސައްހަނޫން ލިޔުމެއް އުފެއްދުމުގެ ދައުވާއެވެ.

ހިޔާނާތްތެރިވުމުގެ ކުށަށް 8 އަހަރާއި، ސައްހަނޫން ލިޔުމުގެ ކުށަށް 9 މަހާއި 18 ދުވަސް ޖަލަށްލުމަށް ހުކުމްކުރިއެވެ. އަދި ޑީސަލްގެ އަގަށްވާ 6,799,800 ރުފިޔާ ދައުލަތަށް ދައްކަން ވެސް ކޯޓުން ހުކުމްކުރިއެވެ.

119 ޑެލިވަރީ ނޯޓު

ދައުލަތުން ކުރި ދައުވާގައި ވާ ގޮތުން، 13 ޖަނަވަރީ 2020 އިން 10 އޮކްޓޫބަރު 2020 އާ ދެމެދު ތައްޔާރުކުރި 119 ޑެލިވަރީ ނޯޓަކުން، އެމްޕީއެލްއަށް ނުލިބޭ ޑީސަލް ލިބިފައިވާ ކަމަށް ދައްކާފައިވެއެވެ.

ދައުވާގައި ބުނީ، އައިމަން ވަނީ އެ ނޯޓުތަކަކީ 2019 ވަނަ އަހަރު ކުންފުންޏަށް ދިން ތެލާ ގުޅޭ ނޯޓުތައް ކަމަށް ބުނެ، އެ ނޯޓުތައް ބަލައިގަތުމަށް އިރުޝާދު ދީފައި ކަމަށެވެ. ދެން އެ ނޯޓުތައް އެމްޕީއެލްގެ ސިސްޓަމުގައި ޕްރޮސެސްކޮށް، ކުންފުންޏަށް 783,100 ލީޓަރުގެ ޑީސަލް ލިބިފައިވާ ކަމަށް ދައްކާފައިވެއެވެ.

ދައުވާގައި ވާ ގޮތުން، އެގޮތުން ލިބިފައި ނުވާ ތެލުގެ އަގުގެ ގޮތުގައި އެމްޕީއެލުން އެފްއެސްއެމްއަށް 6,799,800 ރުފިޔާ ދައްކާފައިވެއެވެ. ސޮޖިބްގެ މައްޗަށް ދައުވާކުރީ، އެފްއެސްއެމްގެ ބައުޒަރު ޑްރައިވަރުގެ ގޮތުގައި ހުރެ 119 ޑެލިވަރީ ނޯޓު ތައްޔާރުކޮށް ސޮއިކުރި ކަމަށެވެ.

އެ ދެ މީހުންގެ މައްޗަށް ދައުލަތުން ދައުވާ އުފުލީ 25 ފެބުރުއަރީ 2024 ގައެވެ.