Sunday, 8 November 2026 · 28 Jumada I 1448 AH

ހެނދުނުގެ ޚުލާސާ

The Maldives, every morning at 7

The stories that matter in politics, business, tourism and the atolls, written by our own newsroom. Free, one email a day, unsubscribe any time.

ދިވެހިރާއްޖެ

ގޭސް ލީކުވެ 442 ހާދިސާ، ފަސް މީހަކު މަރުވެއްޖެ

2022 ވަނަ އަހަރުން ފެށިގެން ގޭސް ލީކުވުމުގެ 442 ހާދިސާ ދިފާޢީ ވުޒާރާގައި ރިޕޯޓުކުރެވިފައިވާއިރު، އޭގެ ތެރެއިން 74 ހާދިސާ ހިނގީ މި އަހަރެވެ. ގިނަ ހާދިސާތައް ހިނގީ ގޭސްފުޅީގެ ތުނބާއި ޕެކިން ހަލާކުވެގެންނެވެ.

A gas stove burner alight. Faulty cylinder caps, damaged seals and faulty stoves caused most of the gas leaks recorded since 2022, the Ministry of Defence said. (File photo)
ގޭސް އުނދުނެއް ރޯކޮށްފައި. 2022 އިން ފެށިގެން ހިނގި ގޭސް ލީކުވުމުގެ ހާދިސާތަކުގެ ތެރެއިން ގިނަ ހާދިސާތައް ހިނގީ ފުޅީގެ ތުނބާއި ޕެކިން ހަލާކުވުމާއި އުނދުނުގެ މައްސަލަތަކުގެ ސަބަބުން ކަމަށް ދިފާޢީ ވުޒާރާއިން ބުނެއެވެ. ފޮޓޯ: އިވާން ރަޑިޗް / ވިކިމީޑިއާ ކޮމަންސް

ދިފާޢީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 2022 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގެ އެކި ހިސާބުތަކުން ގޭސް ލީކުވުމުގެ 442 ހާދިސާ ރިޕޯޓުކުރެވިފައިވެއެވެ. އޭގެ ތެރެއިން 74 ހާދިސާ ހިނގީ މި އަހަރެވެ.

މި މަޢުލޫމާތު ހާމަކުރީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ހުށަހެޅުނު ސުވާލުތަކަށް، 26 އޮކްޓޫބަރު، އާދިއްތަ ދުވަހު ވުޒާރާއިން ލިޔުމުން ދިން ޖަވާބުގައެވެ.

ވުޒާރާއިން ބުނީ އެ މުއްދަތުގައި ގޭސްފުޅި ގޮވައިގެން 28 ހާދިސާ އަދި ގޭސްފުޅީގައި ރޯވެގެން 21 ހާދިސާ ހިނގާފައިވާ ކަމަށެވެ. މި ހާދިސާތަކުގައި 40 މީހަކަށް އަނިޔާވެފައިވާއިރު، ފަސް މީހަކު މަރުވެފައިވެއެވެ.

ގޭސް ލީކުވާ ސަބަބުތައް

ވުޒާރާއިން ބުނީ އެންމެ ގިނައިން ގޭސް ލީކުވެފައިވަނީ ގޭސްފުޅީގެ ތުނބާއި ޕެކިން ހަލާކުވުމާއި، ފުޅިއާ ގުޅާފައިވާ ކައްކާ އުނދުނުގައި މައްސަލަ ހުރުމުގެ ސަބަބުން ކަމަށެވެ.

ވުޒާރާއިން ބުނީ ގޭސްފުޅިތަކުގައި އާއްމުކޮށް މައްސަލައެއް ފާހަގަނުކުރެވޭ ކަމަށެވެ. ނަމަވެސް ގެއަށް ގެންނަ ބައެއް ފުޅިތަކުގެ ޕިން ތާށިވެފައި ހުރުމުން ގޭސް ލީކުވާ ކަމަށާއި، މާލެ ސަރަހައްދުގައި ފާހަގަކުރެވޭ މައިގަނޑު ކަމަކީ ގެއަށް ގެންނަ ފުޅިތަކަކީ ރައްކާތެރި ފުޅިތަކެއްތޯ ފިޒިކަލީ ޗެކް ނުކުރުން ކަމަށް ވުޒާރާއިން ބުންޏެވެ.

ވުޒާރާއިން ފާހަގަކުރީ ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުން ގަވާއިދުން ގޭސް ހޮޅި ޗެކް ނުކުރުމާއި، އަމިއްލައަށް ބަދަލުތައް ގެނެސްފައިވާ އުނދުން ބޭނުންކުރުމުން ގިނަ ހާދިސާތައް ދިމާވާ ކަމަށެވެ.

ވުޒާރާގެ ލަފާ

ވުޒާރާއިން ލަފާދީފައިވަނީ ގޭހުގެ ޚިދުމަތްދޭ ފަރާތްތަކާއި ވިޔަފާރިތަކަށް ޚާއްޞަ ގައިޑްލައިންތަކެއް އެކުލަވާލައި، ރެސްޓޯރެންޓްތަކާއި ކެފޭތަކުގައި ގޭސްފުޅިއާއި ހޮޅިތައް ހުންނަނީ ރައްކާތެރިކޮށްތޯ ގަވާއިދުން އިންސްޕެކްޓްކުރުމަށެވެ.

ގޭސް ވިއްކާ ފަރާތްތަކުން ގޭގެއަށް ފުޅި ޑެލިވަރީކުރާއިރު ރެގިއުލޭޓަރާއި ހޮޅީގެ ހާލަތު ބަލައި ކަސްޓަމަރުންނަށް އިރުޝާދުދިނުން ލާޒިމްކުރުމަށް ވެސް ވުޒާރާއިން ލަފާދީފައިވެއެވެ. އަދި ގޭގޭގައާއި ވިޔަފާރިތަކުގައި ގޭސް ޑިޓެކްޓަރު ހަރުކުރުމާއި، ވިއްކާ ހޮޅިއާއި ރެގިއުލޭޓަރުތަކަކީ ފެންވަރު ރަނގަޅު ތަކެތި ކަމުގައި ހެދުމަށް ވެސް ވުޒާރާއިން ގޮވާލާފައިވެއެވެ.

ގޭސް ލީކުވާކަން ފާހަގަކުރެވިއްޖެނަމަ ވުޒާރާއިން ދީފައިވާ އިރުޝާދުތަކަކީ:

  • އަލިފާން ނުވަތަ ކަނި ކަނޑާ އެއްވެސް އެއްޗެއް ބޭނުން ނުކުރުން

  • ކަރަންޓުގެ އެއްވެސް ސްވިޗެއް ޖެއްސުމާއި ނިއްވުމުން ދުރުވެހުރުން

  • ވައި ދައުރުވާނެ ގޮތަށް ހުރިހާ ދޮރުތަކާއި ކުޑަދޮރުތައް ހުޅުވުން

އަލިފާން ނިއްވުމުގެ މަސައްކަތް ކުރާ ފަޔަރ އެންޑް ރެސްކިއު ސަރވިސް ހިމެނޭ އެމްއެންޑީއެފް ހިނގަނީ ދިފާޢީ ވުޒާރާގެ ދަށުންނެވެ.