Sunday, 8 November 2026 · 28 Jumada I 1448 AH

ހެނދުނުގެ ޚުލާސާ

The Maldives, every morning at 7

The stories that matter in politics, business, tourism and the atolls, written by our own newsroom. Free, one email a day, unsubscribe any time.

އިޤްތިޞާދު

ގެދޮރު އަޅަން ނަގާ ލޯނުގެ އިކުއިޓީއަށް އެހީވާ ސްކީމެއް ތައްޔާރުކުރަނީ

ގޯތި ލިބިފައިވާ މީހުން ގެދޮރު އަޅަން ބޭންކުން ލޯނު ނަގާއިރު ދައްކަން ޖެހޭ ފަސް ޕަސެންޓުގެ އިކުއިޓީއަށް، އަނބުރާ ދައްކަން ނުޖެހޭ ގޮތަށް އެހީދޭ ސްކީމެއް ތައްޔާރުކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Hulhumalé from the air. Thousands of plots issued under the Binveriya scheme remain unbuilt.
Hulhumalé from the air. Thousands of plots issued under the Binveriya scheme remain unbuilt.
ގެދޮރު އެޅުމަށް ބޭންކުން ލޯނު ނަގާއިރު ދައްކަން ޖެހޭ ފަސް ޕަސެންޓުގެ އިކުއިޓީ ދެއްކުމުގައި އެހީތެރިވާނެ ސްކީމެއް ތައްޔާރުކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގެ ދިހަވަނަ އެޕިސޯޑުގައި ސުވާލުކުރި މީހަކަށް ޖަވާބުދެއްވަމުންނެވެ. އޭނާ ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯއްޗެއް ލިބިފައިވާ ކަމަށާއި، ނަމަވެސް ބޭންކުން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަނުވެގެން ގެ އެޅުމުގެ މަސައްކަތް ނުފެށި އޮތް ކަމަށެވެ. މި ސްކީމަށް ބޭނުންވާ ފައިސާ މިހާރު ވެސް ހައުސިން ޓްރަސްޓް ފަންޑުގައި ހަމަޖައްސާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދޭނީ ލޯނެއް ނޫން ކަމަށާއި، އެއީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއް ކަމަށް ވެސް ވިދާޅުވިއެވެ. "މިއީ ލޯނެއް ނޫން. ސަރުކާރުން ދެނީ އިކުއިޓީ ކޮމްޕޯނެންޓަށް ދޭ، އަނބުރާ ދައްކަން ނުޖެހޭ އެއްޗެއް،" ރައީސް ވިދާޅުވިއެވެ. ގޯތި ލިބިފައިވާ މީހުންނަށް މި އެހީ އެއްކޮށްލައިގެން ބޭނުންކުރެވޭނެ ކަމަށާއި، އެގޮތުން ގުޅިގެން ގެދޮރު އަޅާ ބަޔަކަށް އިކުއިޓީގެ ބޮޑު ބައެއް ހަމަޖެއްސޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އިސްކަންދޭނީ ސޯޝަލް ހައުސިން ޕްރޮގްރާމުގެ ދަށުން ފްލެޓެއް ލިބިފައިނުވާ، އަދި އަމިއްލަ ބޯހިޔާވަހިކަމެއް ނެތް މީހުންނަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޝަރުތުތައް އިތުރަށް ލުއިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ. އާންމުންނަށް ހުޅުވާލުމުގެ ކުރިން މި ސްކީމް ނިންމުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ސަރުކާރުގެ މައިގަނޑު ބޯހިޔާވަހިކަމުގެ ސްކީމަށް ވެސް ތައްޔާރީތައް ދަނީ ވަމުންނެވެ. ހައުސިން ޓްރަސްޓް ފަންޑު ބޮޑުކޮށް އިކުއިޓީ ފައިނޭންސިން ދޭނެ ކަމަށް ރައީސް ފުރަތަމަ ވިދާޅުވީ މިދިޔަ ޖޫން މަހުއެވެ. ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރި ގޯތިތައް އޭގެ ވެރިންނާ ހަވާލުކޮށް ނިންމީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އެ ސްކީމަށް 18,955 މީހުން ޝަރުތު ހަމަވިއިރު، ހުޅުމާލެއާއި ގުޅިފަޅާއި ގިރާވަރުފަޅުން ޖުމްލަ 9,003 ގޯތި ދޫކުރިއެވެ. އޭގެ ތެރެއިން ގިނަ ގޯތިތަކެއް އަދިވެސް ބޭނުންނުކުރެވި އެބަހުއްޓެވެ.