Sunday, 8 November 2026 · 28 Jumada I 1448 AH

ހެނދުނުގެ ޚުލާސާ

The Maldives, every morning at 7

The stories that matter in politics, business, tourism and the atolls, written by our own newsroom. Free, one email a day, unsubscribe any time.

ދިވެހިރާއްޖެ

ހައްޖު ކިޔޫގައި ތިން އަހަރުވީ 70 އަހަރުން މަތީގެ އެންމެން އަންނަ އަހަރު ހައްޖަށް

ހައްޖު ކިޔޫގައި ދޮށީ އުމުރުގެ މީހުންނަށް އިސްކަންދޭ އާ އުސޫލުގެ ދަށުން، 75 އަހަރުން މަތީގެ 86 މީހުން ހިމެނޭ ގޮތަށް 70 އަހަރުން މަތީގެ 324 މީހުންނަށް 1448 ވަނަ އަހަރުގެ ހައްޖުގެ ފުރުސަތު ދޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

Pilgrims gather around the Kaaba at Masjid al-Haram in Mecca during Hajj.
Pilgrims gather around the Kaaba at Masjid al-Haram in Mecca during Hajj.
ހައްޖު ކިޔޫގައި މަދުވެގެން ތިން އަހަރު ވެފައިވާ، އުމުރުން 70 އަހަރާއި އެއަށްވުރެ މަތީގެ އެންމެންނަށް އަންނަ އަހަރު ހައްޖުވުމުގެ ފުރުސަތު ލިބޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އިއުލާން ކުރައްވައިފި އެވެ. އިސްލާމިކް މިނިސްޓްރީއާއި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، އާ އުސޫލުގެ ދަށުން 1448 ވަނަ އަހަރުގެ ހައްޖަށް 324 މީހުން ޝަރުތު ހަމަވާ ކަމަށެވެ. އެއިން 86 މީހުންނަކީ 75 އަހަރުން މަތީގެ މީހުން ކަމަށާއި، އެ މީހުން ދާނީ އެހީތެރިންނާއެކު ކަމަށް ވިދާޅުވި އެވެ. އެގޮތުން ޖުމްލަ ގާތްގަނޑަކަށް 410 މީހުން އެ ގްރޫޕުގައި ހައްޖަށް ދެވޭނެ އެވެ. މިނިސްޓްރީން ބުނީ، ރާއްޖެއަށް ކޮންމެ އަހަރަކު ލިބޭ ހައްޖު ކޯޓާއަށް ބަލާއިރު ހައްޖު ކިޔޫގައި ދޮށީ އުމުރުގެ ގިނަ މީހުން ތިބުމާއި، އިތުރަށް އިންތިޒާރުކުރަން ޖެހުމުން އެ މީހުންގެ ތެރެއިން ގިނަ ބަޔަކަށް ހައްޖުވުމުގެ ފުރުސަތު ނުލިބިދާނެކަމުގެ ކަންބޮޑުވުން އޮތުމުން މި ނިންމުން ނިންމީ ކަމަށެވެ. ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރްޒުލް އަބްދުﷲ ޚަލީލް ވިދާޅުވީ، މި އުސޫލު ތަންފީޒުކުރާނީ އުމުރާއި ކިޔޫން ޖާގަ ލިބުނު ތާރީޚަށް ބަލައިގެން، މައުޟޫއީ ގޮތެއްގައި ކަމަށާއި، އެއްވެސް ތަފާތުކުރުމެއް ނެތި އެންމެންނަށް ހަމަހަމަ ގޮތުގައި ކަމަށެވެ. މި އުސޫލުގެ ދަށުން ކިޔޫގައި ތިން އަހަރު ވެފައިވާ މީހުންގެ ގޮތުގައި ބަލާނީ 31 ޑިސެމްބަރު 2023 ގެ ނިޔަލަށް ހައްޖަށް ފައިސާ ދައްކާފައިވާ މީހުންނެވެ. 31 ޑިސެމްބަރު 2026 ގެ ނިޔަލަށް އުމުރުން 70 އަހަރު ފުރިފައި ވާން ޖެހޭނެ އެވެ. އަދި ފުރުސަތު ލިބޭނީ ހަމައެކަނި ފުރަތަމަ ފަހަރަށް ފަރުޟު ހައްޖު އަދާކުރަން ދާ މީހުންނަށެވެ. މިނިސްޓްރީން ބުނީ، އަންނަ އަހަރު ހައްޖަށް ދެވޭނެ ކަމަށް އަންދާޒާކޮށްފައިވާ 65 އަހަރާއި 69 އަހަރާ ދެމެދުގެ މީހުންނަށް ވެސް ކިޔޫގައި އިސްކަންދޭނެތީ އެ މީހުންނަށް ލަސްވުމެއް ނާންނާނެ ކަމަށެވެ. އެފަދަ މީހަކާއެކު ދިއުމަށް ފައިސާ ދައްކާފައިވާ އާއިލާގެ މެންބަރަކަށް ވެސް އެ ފުރުސަތު ނުގެއްލޭނެ އެވެ. މި ބަދަލާއެކު 65 އަހަރުން ދަށުގެ ބައެއް މީހުންނަށް އަހަރެއްހާ ދުވަހުގެ ލަސްވުމެއް އައުން ހިނގާނެ އެވެ. ނަމަވެސް މިއީ ރާއްޖެއަށް ލިބޭ ހައްޖު ކޯޓާގެ ބޭނުން އެންމެ އިންސާފުވެރި އަދި ފުރިހަމަ ގޮތުގައި ހިފުމަށާއި، ކިޔޫގައި އިންތިޒާރުކުރާ ދުވަސްވީ މީހުންގެ އަދަދު މަދުކޮށް، ކުރިއަށް އޮތް ތަނުގައި ކިޔޫ ޒުވާން އުމުރުފުރާތަކަށް ބަދަލުކުރުމަށް އެޅި ފިޔަވަޅެއް ކަމަށް މިނިސްޓްރީން ބުނެ އެވެ.