Sunday, 8 November 2026 · 28 Jumada I 1448 AH

ހެނދުނުގެ ޚުލާސާ

The Maldives, every morning at 7

The stories that matter in politics, business, tourism and the atolls, written by our own newsroom. Free, one email a day, unsubscribe any time.

ސިޔާސީ

މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރުން އަނބުރާ ގެންދިއުމަށް އެމްޑީޕީގެ މެންބަރުން ގޮވާލައިފި

މަޖިލިސް ރައީސާއި ވަޒީރުންނާއި ރަށު ކައުންސިލަރުންގެ މުސާރައާ ބެހޭގޮތުން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމުން ދައުލަތުގެ ޚަރަދަށް އަހަރަކު 40 މިލިއަން ރުފިޔާ އިތުރުވާނެ ކަމަށް އެމްޑީޕީގެ 12 މެންބަރުން ބުނެފިއެވެ.

Members of parliament in the People's Majlis chamber in Malé. File photo, December 2021
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެންބަރުން. (ފައިލް ފޮޓޯ، ޑިސެމްބަރު 2021) ފޮޓޯ: ޕްރެސް އިންފޮމޭޝަން ޑިޕާޓްމަންޓް (ބަންގާޅު) / ވިކިމީޑިއާ ކޮމަންސް

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ވަޒީރުންނާއި ރަށު ކައުންސިލަރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް، އިދިކޮޅު އެމްޑީޕީގެ 12 މެންބަރުން ގޮވާލައިފިއެވެ.

މަޖިލިސް ރައީސް، ރަށު ކައުންސިލްގެ މެންބަރުން އަދި ވަޒީރުންގެ މުސާރަ މުރާޖަޢާކުރުމުގެ މަސައްކަތް، މި އަހަރުގެ 24 ވަނަ ބައްދަލުވުމުގައި 21 އޮކްޓޫބަރުގައި މާލިއްޔަތު ކޮމިޓީން ނިންމާފައިވާކަން މަޖިލީހުގެ ވެބްސައިޓުން ފެނެއެވެ. އާ މުސާރައިގެ އަދަދުތައް ކޮމިޓީން ޝާއިޢުކޮށްފައެއް ނުވެއެވެ.

ބަޔާނުގައި ވާ ގޮތް

އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ މެންބަރުން ސޮއިކޮށް 25 އޮކްޓޫބަރުގައި ނެރުނު ބަޔާނުގައި ބުނެފައިވަނީ، މި ބަދަލުތަކާއެކު ދައުލަތުގެ ޚަރަދަށް އަހަރަކު 40 މިލިއަން ރުފިޔާ އިތުރުވާނެ ކަމަށެވެ. ޤައުމު މާލީ ދަތިތަކާ ކުރިމަތިލާފައިވާ ދަނޑިވަޅެއްގައި ނިންމި މި ނިންމުމަކީ ޒިންމާދާރުކަން ކުޑަ ނިންމުމެއް ކަމަށާއި، އެ ނިންމުމުގައި އެމްޑީޕީގެ މެންބަރުން ބައިވެރިވެފައި ނުވާ ކަމަށްވެސް ބަޔާނުގައި ވެއެވެ.

މިއަހަރު މިހާތަނަށް ސަރުކާރުން ދައުލަތުގެ އާމްދަނީއަށްވުރެ 4.5 ބިލިއަން ރުފިޔާ އިތުރަށް ޚަރަދުކޮށްފައިވާއިރު، ދައުލަތުގެ ދަރަނި ބޮޑުވަމުންދާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. ރައްޔިތުންގެ އަތުން ނަގާ ޓެކްސްތައް އިތުރުކުރުމަށް، ވެރިކަންކުރާ ޕީއެންސީގެ ގިނަ މެންބަރުން ތިބި މަޖިލީހުން އެތައް ޤާނޫނަކަށް ބަދަލު ގެނެސްފައިވާ ކަމަށްވެސް އެމްޑީޕީގެ މެންބަރުން ބުނެއެވެ.

ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓުގެ ފައިސާ ބޭނުންކޮށްގެން ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަކީ ރައްޔިތުންނަށް ދޭ ޚިދުމަތްތަކަށް ބުރޫއަރާނެ ކަމެއް ކަމަށް ބަޔާނުގައި ވެއެވެ. ތަޢުލީމީ އަދި ޞިއްޙީ ދާއިރާގެ މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ދިނުމާ ގުޅޭ ޤަރާރު 16 ޖޫން 2025 ގައި މަޖިލީހަށް ހުށަހެޅުނު ނަމަވެސް، އެ މަސައްކަތް އަދިވެސް ނުނިމޭ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ވަޒީރުންނާއި މަޖިލިސް ރައީސްގެ މުސާރަ ބޮޑުކުރުން އަނބުރާ ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ބަޔާނުގައި ގޮވާލާފައިވެއެވެ. އަދި ސަރުކާރުގެ ޚަރަދު ކުޑަކޮށް، ރައްޔިތުންގެ ބުރަ ލުއިކުރުމަށް މަސައްކަތްކުރުމަށް ސަރުކާރަށާއި މަޖިލީހަށްވެސް ގޮވާލާފައިވެއެވެ. މި ޚަބަރު ލިޔަންދެން، މާލިއްޔަތު ކޮމިޓީން ނުވަތަ ސަރުކާރުން މިކަމާ ގުޅޭގޮތުން ރަސްމީކޮށް އެއްވެސް ޖަވާބެއް ޝާއިޢުކޮށްފައެއް ނުވެއެވެ.