Sunday, 8 November 2026 · 28 Jumada I 1448 AH

ހެނދުނުގެ ޚުލާސާ

The Maldives, every morning at 7

The stories that matter in politics, business, tourism and the atolls, written by our own newsroom. Free, one email a day, unsubscribe any time.

ވިޔަފާރި

މޯލްޑިވްސް އެކްސްޕޯގެ ސަރުކާރު ކުންފުނިތަކުގެ ކެޓަގަރީން އެއްވަނަ އެޗްޑީސީއަށް

ހުޅުމާލޭގެ ފުރަތަމަ ދުވަސްވަރުގެ އުޅަނދުތަކާއި ސްމާޓް މަގުބައްތީގެ މޮޑެލްތަކަށް ސަރުކާރު ކުންފުނިތަކުގެ ކެޓަގަރީން އެއްވަނަ އެޗްޑީސީއަށް ލިބިއްޖެއެވެ.

The first-place trophy and plaque HDC received in the state-owned companies category at the Maldives Expo 2026 awards.
މޯލްޑިވްސް އެކްސްޕޯ 2026 ގެ ސަރުކާރު ކުންފުނިތަކުގެ ކެޓަގަރީން އެޗްޑީސީއަށް ލިބުނު އެއްވަނަ ތަށިއާއި އިނާމު ފޮޓޯ: އެޗްޑީސީ

މިއަހަރުގެ "މޯލްޑިވްސް އެކްސްޕޯ 2026" ގެ އިނާމުތަކުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކެޓަގަރީން އެއްވަނަ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް (އެޗްޑީސީ) ލިބިއްޖެކަމަށް އެ ކޯޕަރޭޝަނުން 25 އޮކްޓޫބަރުގައި ބުނެފިއެވެ.

24 އޮކްޓޫބަރުގެ ރޭ ބޭއްވި އިނާމު ދިނުމުގެ ރަސްމިއްޔާތުގައި އެ އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ. އެޗްޑީސީގެ ފަރާތުން އިނާމާ ހަވާލުވީ އެ ކޯޕަރޭޝަނުގެ ޑިރެކްޓަރ އޮފް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް މަލްޝާ ޝަރީފް ކަމަށް އެޗްޑީސީން ބުނެއެވެ.

ހުޅުމާލޭގެ ފުރަތަމަ ދުވަސްވަރުގެ މޮޑެލްތައް

އެޗްޑީސީން މައުރަޒަށް ހުށަހެޅީ ހުޅުމާލޭގެ ތަރައްގީއާ ގުޅުންހުރި މޮޑެލްތަކެވެ. އެއީ ހުޅުމާލެ ބިނާކުރަން ފެށި ދުވަސްވަރު މާލެއާއި ހުޅުމާލެއާ ދެމެދު މީހުންނާއި މުދާ އުފުލުމަށް ބޭނުންކުރި ހަމައެކަނި އުޅަނދުގެ މޮޑެލެއް ހިމެނެއެވެ.

އަދި ހުޅުމާލެ ހިއްކުމުގެ ފުރަތަމަ ފިޔަވަހީގައި ބޭނުންކުރި "އެމަޒޯން" ކޮންނަބޯޓުގެ ތަފްސީލީ މޮޑެލެއްވެސް ހުށަހެޅިއެވެ. އެ ކޮންނަބޯޓު ރާއްޖެ ގެނައީ 2003 ވަނަ އަހަރު ސަރުކާރުން "ޑްރެޖިންގ އިންޓަރނޭޝަނަލް" ކުންފުނި މެދުވެރިކޮށެވެ. ފުރަތަމަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް 6 މަސްދުވަހުގެ ތެރޭގައި ނިންމާލުމުގައި އެ ބޯޓު މުހިންމު ދައުރެއް އަދާކުރިކަމަށް އެޗްޑީސީން ބުނެއެވެ.

އޭގެ އިތުރުން ހުޅުމާލެއަށް ތައާރަފުކުރަން ރާވާފައިވާ ސްމާޓް މަގުބައްތީގެ ނިޒާމުގެ މޮޑެލްތަކެއްވެސް އެޗްޑީސީން ދެއްކިއެވެ. އެ ބައްތިތައް ދުރުގައި ތިބެގެން ކޮންޓްރޯލްކުރެވި، އަލީގެ މިންވަރު އަމިއްލައަށް ބަދަލުވެ، މައްސަލައެއް ދިމާވާނަމަ ވަގުތުން އެނގޭތީ ކަރަންޓު ހަރަދު ކުޑަވާނެކަމަށް އެޗްޑީސީން ބުނެއެވެ. ހުރިހާ މޮޑެލްތަކެއް ތައްޔާރުކުރީ އެޗްޑީސީގެ މުވައްޒަފުންނެވެ.

290 އިނާމު

ރަސްމިއްޔާތުގައި 130 ފަރާތަކަށް 290 އިނާމު ދީފައިވާކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނެއެވެ. މި މުބާރާތަށް 439 ބައިވެރިއެއްގެ ފަރާތުން 4،434 ޕްރޮޑަކްޓް ހުށަހެޅިއިރު، އޭގެ 3،303 ޕްރޮޑަކްޓް، ނުވަތަ 74.5 ޕަސެންޓް ހުށަހެޅީ ވަކިވަކި ފަރުދުންނެވެ. ވިޔަފާރިތަކުން 764 ޕްރޮޑަކްޓް ހުށަހެޅިއިރު، ނުކުޅެދުންތެރިކަން ހުރި ފަރާތްތަކުން 254 ޕްރޮޑަކްޓް ހުށަހަޅައިފިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ ދިވެހި އިގްތިސާދުގައި އެންމެ ބޮޑު ދައުރެއް އަދާކުރާނީ އުފެއްދުންތެރި ރައްޔިތުން ކަމަށެވެ. މައުރަޒުގައި ދައްކާ ޕްރޮޑަކްޓްގެ އަދަދު ވޭތުވެދިޔަ އަހަރު 2،467 އިން މިއަހަރު 4،400 އަށް އިތުރުވެފައިވާއިރު، ބައިވެރިންގެ އަދަދު 240 އިން 600 އަށް އިތުރުވެފައިވާކަމަށާއި، ރާއްޖޭގެ ހުރިހާ އަތޮޅަކުން ބައިވެރިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި 25 އޮކްޓޫބަރުގައި ފެށި "މޯލްޑިވްސް އެކްސްޕޯ 2026" ކުރިއަށްދާނީ 2 ނޮވެމްބަރުގެ ނިޔަލަށެވެ. މިފަދަ މައުރަޒުތަކުގައި ބައިވެރިވަނީ އެޗްޑީސީން ކުރާ މަސައްކަތްތަކާއި، ކުރިއަށް ބޭނުންކުރާނެ އާ އުފެއްދުންތައް ރައްޔިތުންނަށް ދައްކާލުމަށް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.