Sunday, 8 November 2026 · 28 Jumada I 1448 AH

ހެނދުނުގެ ޚުލާސާ

The Maldives, every morning at 7

The stories that matter in politics, business, tourism and the atolls, written by our own newsroom. Free, one email a day, unsubscribe any time.

ދިވެހިރާއްޖެ

ޑިކްލެއާ ނުކޮށް ބޭރުކުރަން އުޅުނު 905,669 ރުފިޔާގެ ބޭރު ފައިސާ އަތުލައިގެންފި

ގަވައިދާ ހިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު 905,669.80 ރުފިޔާއަށްވާ ބޭރު ފައިސާ، އިންޑިއާގެ ފަސިންޖަރެއްގެ އަތުން އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.

Velana International Airport, where Customs says the undeclared foreign currency was found last Wednesday.
Velana International Airport, where Customs says the undeclared foreign currency was found last Wednesday.
ކަސްޓަމްސްއަށް ޑިކްލެއާ ނުކޮށް ރާއްޖެއިން ބޭރުކުރަން އުޅުނު 905,669.80 ރުފިޔާއަށްވާ ބޭރު ފައިސާ އަތުލައިގެންފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފިއެވެ. މި ފައިސާތައް ފެނުނީ މިދިޔަ ބުދަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން، ރާއްޖެއިން ފުރަން ދިޔަ އިންޑިއާގެ ފަސިންޖަރެއްގެ އަތުން ކަމަށް ކަސްޓަމްސްއިން ބުންޏެވެ. އަތުލައިގަތް ފައިސާގެ ތެރޭގައި އެކި ގައުމުތަކުގެ ފައިސާ ހިމެނޭ ކަމަށް ކަސްޓަމްސްއިން ބުނި ނަމަވެސް، އެއީ ކޮން ގައުމުތަކެއްގެ ފައިސާކަމެއް އަދި ކޮންމެ ގައުމެއްގެ ކިހާ އަދަދެއްކަމެއް އެ އިދާރާއިން ހާމައެއް ނުކުރެއެވެ. ރާއްޖެއިން ބޭރަށް ފުރާ މީހުން، ކަސްޓަމްސްގެ ގަވައިދުގައި ކަނޑައަޅާފައިވާ މިންވަރަށް ވުރެ ގިނައިން ބޭރު ފައިސާ ގެންދާނަމަ، އެކަން ޑިކްލެއާ ކުރަން ޖެހެއެވެ. ޑިކްލެއާ ނުކުރާ ފައިސާ ހިފެހެއްޓުމާއި، ގާނޫނީ ފިޔަވަޅު އެޅުމުގެ ފުރުސަތު އޮވެއެވެ. މިއީ ހަމަ އެ އެއާޕޯޓުން ފަހަކަށް އައިސް ފެންމަތިވި މިފަދަ ސިލްސިލާ މައްސަލަތަކުގެ ތެރެއިން އެންމެ ފަހުގެ ހާދިސާއެވެ. ސެޕްޓެންބަރު މަހުގެ 18 ވަނަ ދުވަހު، ސީރިއަލް ޕެކެޓުތަކެއްގެ ތެރޭގައި ފޮރުވައިގެން 3.86 މިލިއަން ރުފިޔާއަށްވާ ބޭރު ފައިސާ ބަންގްލަދޭޝަށް ގެންދަން އުޅުނު ހަ ބިދޭސީއަކު ވަނީ ހުއްޓުވާފައެވެ. އޭރު ފުލުހުން ބުނި ގޮތުގައި އެ ފައިސާގެ ތެރޭގައި 174,161 އެމެރިކާ ޑޮލަރާއި، 56,760 ޔޫރޯއާއި، 1,815 ސްޓާލިން ޕައުންޑް ހިމެނޭއިރު، ޖުމްލަ 18 ގައުމެއްގެ ފައިސާ ހިމެނެއެވެ. މީގެ އިތުރުން، ހުއްދަ ނެތި ބޭންކިން ހިދުމަތް ދިނުމުގެ މައްސަލައަކާ ގުޅިގެން، މިދިޔަ އަންގާރަ ދުވަހު ހަތަރު ބިދޭސީއަކާއި ދިވެއްސަކު ފުލުހުން ވަނީ ބަލައި ފާސްކޮށްފައެވެ. ގަވައިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގާ ފަރާތްތައް ހޯދުމުގެ މަސައްކަތް ފުޅާކޮށްފައިވާ ކަމަށާއި، އެފަދަ ތުހުމަތުތަކުގައި ބިދޭސީން ހައްޔަރުކުރާ މިންވަރު އިތުރުވަމުންދާ ކަމަށް އިދާރާތަކުން ބުނެއެވެ.